މިޒަމާނުގެ ޅަޒުވާނުން
އެއުރެންނާއިމެދުގައި ފިކުރުހުއްޓުވައި، ނަޘަރުހިންގަވައިލެއްވުން ހުއްޓެވެ. އަޅުގަނޑުމެންގެ ޅަފުރައެކޭވެސް އެއްގޮތުން
އެއުރެންގެ މިހާރުގެ ޅަފުރާގައިވެސް އެއުރެންނަށް ސޫރަކުރެވިފައިވާ ވަހްމީ ތަސްވީރުތަކެއް އެބައޮވެއެވެ.
އަޅުގަނޑުމެންގެ މުސްކުޅިފުރަޔަށްވުރެ އެއުރެންގެޒުވާންފުރާ މާ އޮފްގަދައެވެ. އެފުރާގައި އެކުލަވާ ހީވާގިކަމާއި، އާރާބާރުގަދަކަމާއި، ވިންދާ ލޭގެހޫނުގަދަކަމާއި، ހިތްވަރުއިތުރުކަން އެތައްދަރަޖައެއް ބޮޑުކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އަދި އެއުރެންގެ ޚިޔާލުގައި ފޯރިގަދަކަމާއި އުއްމީދުތަކުގައި ފޮނިރަހައިތުރުކަމީ، މެންދުރުގެ އިރުފަދައިން، ފާޅުވެގެންވާ ކަމެއްމެއެވެ. އެކަންކަމާއިމެދަކު އެއުރެންނަށް މުޢާޚިޛަޘް ކުރެވޭނެ އެއްވެސް މަޙައްލެއްނެތެވެ.
ޒުވާން ފުރައަކީ އަޅުގަނޑުމެންނަށްވެސް އޭގެވާދީގައި ޖޫލާކޮށްކޮށްފައި އުޅެލާން ލިބުނު ފުރައެކެވެ. އެފުރައަކީ ފުރަގަހަށާއި، ކުރިމައްޗަށް ވިސްނާބަލާނުލެވޭގޮތް ވަރަށްބޮޑަށް ހުންނަ ފުރައެކެވެ. ތެދުތެދަށް ދަންނަވަނީނަމަ މާޟީއާއި ޙާލާއި މުސްތަޤްބަލާއި މިތިންދައުރު މީހާއަށް އޮންނާނޭކަން އުޅޭނީ އެފުރާގައި ހަނދާންނުވާށެވެ.
އިއްޔެ އަކީ އަދުގެ އަޞްލާއި ބިންގަލެވެ. މިއަދަކީ، އިއްޔެގެ ބަނޑުތެރެއިން ނުކުމެގެންއައި މަޚްލޫޤެކެވެ. ނަޡަރުދަށަށް ނައިސް އޮތްހާހިނދު މިއަދުގެ ޚަބަރެއް ޖިންސެއް ކުލައެއް، ވައްތަރެއް، އޮތީނޭނގިއެވެ. މާދަމާއަކީ މުޅިން ޣައިބުގައި ފޮރުވިފައިއޮތް ދުވަހެކެވެ. މާދަމާގެ ތަޞްވީރުވަނީ މިއަދުގެ ފަށަލަތަކުގެ ތެރޭގައި ފޮރުވިފައެވެ. ހުރިހާ ފަށަލައެއް ނޮޅެމުންގޮސް ހުސްވި ހިނދަކުން މެނުވީ މާދަމާގެ ބާވަތެއް ޖިންސެއް ހަމަހިލާ ނޭނގޭނެއެވެ.